އުނަގަނޑަށް ތަދުވުމާއި ބަދައިގައި ރިއްސުމަކީ އަހަރެމެން ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ކަމެކެވެ. މިކަން އެކި މީހުން އެކި މިންވަރަށް ތަހައްމަލު ކުރެއެވެ. ތަދު ބޮޑުވެ، އޮޕަރޭޝަނާއި ހަމައަށްވެސް ދާންޖެހޭލެއް ވަކި މަދެއް ނޫނެވެ.
އުނަގަނޑާއި ބަދައިގެ މައްސަލަތައް ގިނަ ވުމުގެ އެއް އަސްލަކީ އަހަރެމެންގެ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތެއެވެ. މިސާލަކަށް، ގޮނޑީގައި ގިނައިރު އިށީންދެ އިންނަން ޖެހުމާއި، އަދި ގޮނޑީގައި އިންނައިރުވެސް ރަނގަޅަށް ހަށިގަނޑު ނުބެހެއްޓުމާއި، ހަށިގަނޑާ ނުގުޅޭ (އާރގަނޮމިކި ނޫން) ގޮނޑި ބޭނުންކުރުން ފަދަ ކަންކަމުން އުނަގަނޑުގެ މައްސަލަތައް މެދުވެރި ވެއެވެ. އަދި ބަދައަށް އަސަރު ކުރާފަދައިން ބަރު އެއްޗެހި ގިނައިން އުފުލައި އުޅުމާއި، އަދި އުފުލާއިރުވެސް ބަދައަށް ނުރަނގަޅު އަސަރު ފޯރާނޭހެން ގޯސްކޮށް ހަށިގަނޑު ބެހެއްޓުމާއި، ޖެނެޓިކް ސަބަބުތައް ވެސް ހިމެނެއެވެ.
މި މައްސަލައަކީ ކަސްރަތުން ހައްލު ހޯދިދާނެ ފަދަ މައްސަލަ އެކެވެ. އުނަގަނޑާއި ބަދައިގެ ތަދު މެނޭޖްކޮށް ހިފެހެއްޓުމަށް ކަސްރަތު ކުރެވިދާނެއެވެ. މި ލިޔުމުގައި މި ބަލައިލަނީ އުނަގަނޑަށް ކުރެވިދާނެ 3 ކަސްރަތަކަށެވެ. މިއީ، ފަސޭހަކަމާއެކު ގޭގައި އަމިއްލައަށްވެސް ކުރެވިދާނެ ކަސްރަތު ތަކެކެވެ. މިފަދަ ކަސްރަތު ތަކުން އުނަގަނޑާއި، އުނަގަނޑު ވަށައިގެންވާ މަސްތަކުގެ ބެލެންސް ރަނގަޅުކޮށް ވަރުގަދަ ކޮށްދީ، އަދި މަސްތަށް ދެމޭވަރު (ހަރަކާތް ކުރެވޭ މިންވަރު) އިތުރު ކޮށްދެއެއެވެ.
ގްލޫޓް ބްރިޖް
މިއީ ފަސޭހަ ކަމާއެކު ކުރެވިދާނެ، ކަސްރަތު ކުރާމީހުންގެ ތެރޭގައި މަގުބޫލު ކަސްރަތެކެވެ. މި ކަސްރަތުން ފޫކޮޅުގެ މަސްތަކާއި، މައިބައިދައިގެ މަސްތައް ވަރުގަދަ ކޮށްދެއެވެ.
މި ކަސްރަތު ކުރަން ހަދާނެ ގޮތަކީ:
- އެންމެ ފުރަތަމަ އުއްޑުން އޮށޯންނާށެވެ. ދެން، ގާތްގަނޑަކަށް 90 ޑިގްރީއަށް ކަކުލު ހުޅުން ފައި ލަނބައިލާށެވެ. މިގޮތަށް ލަނބާލުމުން، ފައިގެ އިނގިލިތައް ހުންނަންވާނީ ކުރިއަށެވެ. އަދި ފުންނާބާއި ފައިތިލަ ހުންނަންވާނީ ބިންމަތީ ޖެހިފައެވެ.
- ދެން، ފޫކޮޅާއި ބަނޑުގެ މަސްތަކަށް ވާންކޮށް، ފައިގެ ފުންނާބު ބިންމަތީ ޖައްސައި، ބުޑުކޮޅުން މައްޗަށް ހިއްލާލާށެވެ. މިހެން ހިއްލާއިރު ބޮޑަށް އަސަރު ކުރަން ވާނީ ފޫކޮޅާއި، ބަދަ އާއި، ބަނޑުގެ މަސްތަކަށެވެ. ބުރަކަށި ބަހައްޓަންވާނީ ތެދަށެވެ. އަދި ކޮނޑާއި، ބުޑުކޮޅާއި، ކަކޫ ހުންނަންވާނީ އެއްލައިނެއްގައި ތެދަށެވެ.
- މިގޮތަށް ހިއްލާލާފައި، ފޫކޮޅުގެ މަސްތައް ވާންކޮށް ފިއްތާލައި، 3 ވަރަކަށް ސިކުންތު ވާންދެން ހިފަހަށްޓާލައިށެވެ.
- އެއަށްފަހު، އަދި ވާގި ދޫނުކޮށްލައި، "ކޮންޓުރޯލްކޮށް" މަޑުމަޑުން ތިރިކުރާށެވެ. (ތިރިވާއިރު ކުއްލިއަކަށް ވާގިދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެނެވެ.)
މިގޮތަށް، 15 ނޫނީ 20 ފަހަރު ތަކުރާރު ކުރާށެވެ. ގިނަ ދުވަސް ވާވަރަކަށް މިއަދަދު އިތުރު ކުރަމުން ގެންދެވިދާނެ އެވެ.
ބާރޑް ޑޯގް
މިއީވެސް ގޭގައި ފަސޭހަ ކަމާއެކު، އެއްވެސް އިތުރު އެއްޗެއްގެ ބޭނުމެއް ނުޖެހި ކުރެވިދާނެ ކަސްރަތެކެވެ. މި ކަސްރަތުން ހަށިގަނޑާއި އުނަގަނޑުގެ މަސްތައް ބެލެންސް ކުރަން ފަސޭހަ ކޮށްދެއެވެ.
- އެންމެފުރަތަމަ، ކަކޫ ވިއްދައި، ހަތަރެސްފައި މައްޗަށް ބިއްމަތީ އޮށޯންނާށެވެ.
- ދެން، ކަނާއަތް މަޑުމަޑުން ކުރިއަށް ނަގާ ހިއްލާލާށެވެ. މިހެން ހިއްލާއިރު، ވައަތު ފައިވެސް އެކުއެކީ ފަހަތަށް ނަގައި ހިއްލާލާށެވެ. މިހެން އޮންނައިރު، އަތާއި ފައި ހުންނަންވާނީ ބުރަކަށްޓާއި އެއްވަރުކޮށް ސިދާ ވެފައެވެ.
- މިގޮތަށް ނަގާފައި، 2 ނުވަތަ 3 ސިކުންތު ވާންދެން މަޑުކޮށްލާށެވެ. މިހެން އޮންނައިރު ބެލެންސްކޮށް އޮތުމަށާއި، ބުރަކަށި ސީދަލަށް ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ.
- ދެން، އަތާއި ފައި، ވާގި ދޫނުކޮށް، "ކޮންޓުރޯލްކޮށް" މަޑުމަޑުން ތިރި ކުރާށެވެ.
- ދެން އަނެއްކާވެސް، ވައަތާއި، ކަނާއަތު ފައި، ހަމަ ކުރީގައިވެސް ފަޔާއި އަތް ހިއްލި ގޮތަށް ހިއްލާލާށެވެ. (މިހެން ހިއްލާއިރު، އަބަދުވެސް ހިއްލާނީ އަތާ އިދިކޮޅަށްވީ ފައެވެ.)
މިގޮތަށް، 15 ނޫނީ 20 ފަހަރު ތަކުރާރު ކުރާށެވެ. ގިނަ ދުވަސް ވާވަރަކަށް މިއަދަދު އިތުރު ކުރަމުން ގެންދެވިދާނެއެވެ.
ފުރަތަމަ ފަހަރަށް މިކަސްރަތު ކުރަން އުނދަގޫ ވެދާނެއެވެ. އެހެންވާނަމަ، ފައި އެކަނި ހިއްލައިގެން މިކަސްރަތު ކުރެވިދާނެއެވެ. ފަހުން އާދަވެ ހޭނުމުން، ފައާއި އަތާއި އެކީ ހިއްލާގެން ކުރާނީއެވެ.
ކެޓް ކައު ސްޓްރެޗް
މިއީ އުނަގަނޑާއި މައިބަދައިގެ މަސްތައް ދަމާލުމަށް ކުރާ ކަސްރަތެކެވެ. މީގެ ސަބަބުން، ބަދައިގެ ފުލެކްސިބިލިޓީ (ހަރަކާތް ކުރެވޭ މިންވަރު) އިތުރުކޮށް، ކަރާއި ބުރަކަށީގައި ހުންނަ ތަދު މަޑުކޮށްދެއެވެ. މީގެ އިތުރުން، މި ކަސްރަތުގެ ސަބަބުން މީހާއަށް އަރާމާއި ހިތްހަމަ ޖެހުން ގެނެސްދީ، ނޭވައިލާން ފަސޭހަ ކޮށްދެއެވެ.
- ފުރަތަމަ، ކަކޫ ވިއްދައި، ހަތަރެސް ފައި މައްޗަށް އޮށޯންނާށެވެ.
- ފުންކޮށް އެތެރެއަށް ނޭވާއެއްލާ، އިސް ކުޑަކޮށް އުފުލައި، މަޑުމަޑުން އުނަގަނޑު ތިރިއަށް ލަންބުވާލައިށެވެ.
- ދެން، ބޭރަށް ނޭވާއެއް ދޫކޮށް، އިސް ޖަހައި، ބޯ ކުޑަކޮށް ތިރިކޮށްލައި، އުނަގަނޑު ކުޑަކޮށް މައްޗަށް އުފުލައި ދަމާލާށެވެ.
މި ގޮތަށް، 15 ނޫނީ 20 ފަހަރު ތަކުރާރު ކުރާށެވެ. ގިނަ ދުވަސް ވާވަރަކަށް މިއަދަދު އިތުރު ކުރަމުން ގެންދެވިދާނެ އެވެ.