ފޯނާއި ޓެކްނޮލެޖީގެ އެހީގައި އަހަރެމެންގެ ދިރިއުޅުން ފަސޭހަވުމުން، ހަރަކާތް ކުރެވޭ މިންވަރު މިވަނީ ކުރިއާ އަޅައިބަލާއިރު ވަރަށްވެސް މަދުވެފައެވެ. މިސާލަކަށް، އަހަރެމެން އެންމެން ކަހަލަ ގޮތަކަށް ދަތުރުފަތުރު މިކުރަނީ ސައިކަލުގައެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ހިނގޭ ނިސްބަތް އިންތިހާ މަދުވާނެއެވެ. ހަމަ މިގޮތަށް، އަހަރެމެން ގިނަ މީހުން އަދާކުރަނީ ގިނަ އިރު ގޮނޑީގައި އިށީނދެ އިނދެގެން ކުރާ ވަޒީފާތަކެވެ. މިހެންވުމުން، ދުވާލެއްގެ މައްޗަށް ހަރަކާތް ކުރެވެނީ ވަރަށްވެސް މަދު މިންވަރަކަށެވެ.
ކުޅިވަރު ކުޅުން ކަމުގައި ވިޔަސް، ބައިސްކަލު ދުއްވުން ކަމުގައި ވިޔަސް، ފެތުން، ނުވަތަ ދުވުން، ނޫނީ ޖިމަށް ދިޔަ ކަމުގައި ވިޔަސް، ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުުން، މި ލިޔުމުގައި އަލިއަޅުވައިލާނީ ކަސްރަތު ކުރަންވީ މުހިއްމު 8 ސަބަބެއްގެ މައްޗަށްށެވެ.
1. ބަލިތަކުން ސަލާމާތްވުން
ހަރަކާތް މަދުވުމާއި ރަނގަޅު ކާނަ ނުކެއެމުގެ ސަބަބުން އެތަށް ބައްޔަކަށް މީހާ ހުށަހެޅެއެވެ. ހަރަކާތް މަދުވުމުން ދިމާވާ ސިއްހީ މައްސަލަތަކަށް ކިޔަނީ "ހައިޕޯކިނެޓިކް ޑިޒީސަސް" އެވެ. މީގެ ތެރޭގައި، ހިތުގެ ބަލިތަކާއި، ހަކުރު ބައްޔާއި، ފަލަވުމާއި، ލޭ މައްޗަށް ދިޔުމާއި، ކަަށީގެ އެކި ބަލިތައް ހިމެނެއެވެ. މިއީ އަހަރެމެން ދިވެހިންގެ ތެރޭގައި ވެސް ވަރަށް އާއްމު ބަލިތަކަކެވެ. ދިރާސާތަކުން ދައްކާ ގޮތުން ގަވާއިދުން ކަސްރަތު ކޮށް، ރަނގަޅު ކާނާ ކެއުމުން، މިފަދަ ބަލިތަށް ޖެހެމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އެހެންކަމުން މިފަދަ ބަލިތަކުން ރައްކާތެރިވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުުރުން މުހިއްމެވެ.
2. ނަފްސާނީ ދުޅަހެޔޮކަން
ކަސްރަތު ކުރަން ފެށުމުން ސިކުނޑީގައި އެންޑޯފިންސް، ސެރޮޓޯނިން އާއި ޑޮޕަމިން ފަދަ މާއްދާތައް އިތުރު ކޮށްދެއެވެ. މި މާއްދާ ތަކަކީ މީހާގެ މޫޑު ރަނގަޅު ކޮށްދިނުމާއި، ތަދު މަޑު ކޮށްދިނުމާއި، އުފާވެރިކަމާއި ހިތްހަމަ ޖެހުމުގެ އިހްސާސު ގެނުވަން އެހީވެދޭ މާއްދާތަކެކެވެ. އެހެން ކަމުން، ގަވާއިދުން ކަސްރަތު ކުރުމުން އެންޒައިޓީ ފަދަ ނަފްސާނީ އުނދަގޫތައް މެނޭޖް ކޮށްދިނުމަށް އެހީވެ ދެއެވެ.
3. ކަށްޓާއި މަސްތައް ވަރުގަދަވުން
އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ ހަރަކާތް ކުރުމަށެވެ. ހަރަކާތް ނުކުރާނަމަ، ދަނގަޑުގައި ދަބަރު ޖަހާ ބީދައިން، ކަށިތަކާއި މަސްތަކުގައި "ދަބަރު ޖަހައި" ބަލިކަށިވާން ފަށައެވެ. މިކަމަށް އޮތް ހައްލަކީ ގިނައިން ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމެއެވެ. ކަސްރަތު ކުރަން ފެށުމުން ހުޅުތަކުގައި "ސައިނޯވިއަލް ފުލުއިޑް" އުފައްދާ މިންވަރު އިތުރު ކޮށްދެއެވެ. މި ފްލުއިޑް އަކީ ހުޅުތަށް ފަސޭހަކަމާއެކު ލެންބުމަށާއި، ހުޅުތަށް ހަރުވިޔަ ނުދީ ބެހެއްޓުމަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ.
4. ތޫނުފިލިކަން އިތުރުވުން
ކަސްރަތުގެ ސަބަބުން ސިކުނޑިއަށް އޮކްސިޖަން އާއި ކާނާ ދައުރު ކޮށްދޭ މިންވަރު އިތުރު ކޮށްދެއެވެ. އެހެންކަމުން ސިކުނޑީގެ ނާރުތަކުގެ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވެއެވެ. އަދި، ކަސްރަތުގެ ސަބަބުން ސިކުނޑީގެ މަސައްކަތްތަކަށް އެހީވެދޭ "ނިއުރޯޓްރާންސްމިޓާރސް" މާއްދާތައް ދައުރުވާ މިންވަރުވެސް އިތުރުކޮށް ދެއެވެ. މީގެ ސަބަބުން، ފޯކަސް ކުރުމަށާއި ވިސްނަން ފަސޭހަވެ، ހަނދާން ގަދަ ކޮށްދެއެވެ.
5. ނިދަން ފަސޭހަވުން
ކަސްރަތުގެ ސަބަބުން ސިނކުޑީގައި އެންޑޯފިންސް ދައުރުކުރާވަރު އިތުރުވެ، ކޯރޓިސޯލް ފަދަ މާއްދާތައް މަދު ކޮށްދެއެވެ. މީގެ ސަބަބުން ސްޓްރެސްވުން ދަށް ކޮށްދީ މީހާ ހިތްހަމަ ޖައްސުވައި ދެއެވެ. އަދި، ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައި ދެއެވެ. ނަތީޖާ އަކީ، ނިދަން ފަސޭހަވެ ނިދީގެ ކޮލިޓީ އިތުރުވުމެވެ.
6. ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
ހަށިގަނޑު ހުންނަންވާ މިންވަރަށް ވުރެއް ބަރުވަނީ ކޮންމެ ދުވަހެއްގައިވެސް ކެއުމުގައި ހަށިގަނޑަށް އެތެރެވާ ކަލޮރީސް، ހަށިގަނޑުން ބޭރުވާ ކެލޮރީސް އަށް ވުރެއް ދަށްވުމުންނެވެ. މިހެންވުމުން ހަށިގަނޑުން ބޭރުނުވެ ބާކީވާ ކޮލޮރީސް ފެޓްސްގެ ގޮތުގައި ހަށިގަނޑުގައި ޖަހައެވެ. ނަތީޖާ އަކީ މީހާ ފަލަވެ ބަރުދަން އިތުރު ވުމެއެވެ. ގަވާއިދުން ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅެން ފެށުމުން، ގިނަނުވެ، ހަށިގަނޑުން ކެލޮރީސް ބޭރު ކުރަން އެހީވެދެއެވެ.
7. ހަކުރާއި ލޭ ކޮންޓްރޯލް ކުރެވުން
ކަސްރަތު ކުރަން ފެށުމުން ހަށިގަނޑުގެ ނާރުތަކުގައި ލޭ ހިނގުން އިތުރު ކޮށްދެއެވެ. އަދި ހިތުގެ މަސްތައް ވަރުގަދަ ކޮށްދިނުމުގެ ސަބަބުން ލޭ ހިނގުމުގެ ނިޒާމު ރަނގަޅު ވެއެވެ. އަދި އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށް ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދެއެވެ. އެހެންކަމުން، ގަވާއިދުން ކަސްރަތު ކުރުމުގެ ސަބަބުން ލޭ މައްޗަށް ދިޔުމާއި ހަކުރު ބަލި މެނޭޖްކުރަން އެހީވެދެއެވެ.
8. މޫޑު ރަނގަޅުވުމާއި، ވަރުޖެހުމާއި، އެހެނިހެން ފައިދާތައް
މީގެ އިތުރުންވެސް ކަސްރަތު ކުރުމުގެ ސަބަބުން މީހާއަށް އުފާވެރިކަން ގެނުވައި، ފޫހިފިލުވައިދީ، މޫޑް ރަނގަޅު ކޮށްދެއެވެ. އަދި ހަށިގަނޑުގެ އެނާރޖީ ލެވެލް އިތުރު ކޮށްދިނުމުގެ ސަބަބުން ވަރުބަލިވުން ކުޑަކޮށްދީ ވަރުޖައްސައި ދެއެވެ. ކަސްރަތުގެ ސަބަބުން މީހާގެ މަސައްކަތްތެރިކަން ނުވަތަ ޕުރޮޑަކްޓިވިޓީ ވެސް މަތި ކޮށްދެއެވެ. އަދި އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކޮށްދީ، ކޮންފިޑެންޓް މީހަކަށް ވުމަށް އެހީއަކަށް ވެއެވެ.
އެހެންކަމުން، މި ފައިދާތަކާއި، މީގެ އިތުރުންވެސް ލިއްބައިދޭ ބައިވަރު އެހެން ފައިދާތައް ހޯދުމަށް ކަސްރަތު ކުރަން ފަށަމާ ހިނގާށެވެ!