ހިތަކީ ހަށިގަނޑުގެ އިންޖީނެވެ. އިންޖީނުން ދޯންޏަކަށް ދުވާ ބާރު ދޭ އުސޫލުން، އިންސާނާގެ ހަށިގަނޑަށް ދިރިހުރުމުގެ ބާރުދޭ އިންޖީނަކީ ހިތެވެ. އިންޖީނު ތެޔޮ ޕަމްޕް ކުރާހެން، ހަށިގަނޑުގެ އެތަންމިތަނަށް ލޭ ޕަމްޕު ކުރަނީވެސް ހިތެވެ. ނަމަވެސް ޔަމަހާ އިންޖީނެއް ހަލާކުވުމުން އާކުރެވުނަސް، ހިތް އާކުރުމަކީ ފަސޭހަކަމެއް ނޫނެވެ.
ކަން މިހެން އޮތުމާއެކު އަހަރެމެންގެ ހަށިގަނޑުގެ އެތެރޭގައިވާ މި 'އިންޖީނު' ފެއިލް ނުވާކަން ޔަގީންކުރަންޖެހެއެވެ. އިންޖީނު ގަވައިދުން ސާވިސްކޮށް މެއިންޓެއިން ކުރަންޖެހެއެވެ. މިފަދައިން ހިތުގެ ދުޅަހެޔޮކަން ކަށަވަރުކުރެވެން އޮތީ ތިބާގެ އާދަތައް ހިތަށް ގެއްލުން ނުވާނެހެން ބަހައްޓައިގެންނެވެ.
🤸♂️ ގަވާއިދުން ކަސްރަތުކުރުން
ދުޅަހެޔޮ ހިތެއް ބޭނުންނަމަ ކަސްރަތުކުރުން ދުވަހުގެ މުހިއްމު ބަޔަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ލޭގެ ޕްރެޝަރު ދަށްކޮށްދީ، ވިންދުޖަހާއިރު ހިތަށް ކުރާ ބާރު ކުޑަކޮށްދިނުމުގައި ކަސްރަތުކުރުން ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހިތުގެ ބަލީގެ ޝިކާރަޔަށް ވެފައިވާ ގިނަ މީހުންނަކީ ގަވައިދުން ކަސްރަތު ނުކުރާ މީހުންނެވެ. ނަމަވެސް ހަގީގަތުގައި ކަސްރަތަކީ ދުވަހުގެ ޝެޑިއުލްގައި ވަގުތުކޮޅެއް ހާއްސަކޮށްލުމަށް އުނދަގޫ ކަމެއްވެސް ނޫނެވެ. ހަފްތާގެ ކޮންމެވެސް 3 ދުވަހަކު، 20 – 30 މިނެޓު ހިނގުން، ދުވުން، ފެތުން، ނުވަތަ ޖިމަށް ދިޔުން، އަދި މިނޫންވެސް ހެލިފެލިވާން ޖެހޭ ޒާތުގެ ކުޅިވަރެއް ކުރުން ކަހަލަ ކަސްރަތަކަށް ހާއްސަ ކުރެވޭތޯ ބަލާށެވެ.
🚭 ސިނގިރޭޓުން ދުރުހެލިވުން
ސިނގަރޭޓު ބުއިމަކީ ހިތާއި ހިތާއި ގުޅިފައިވާ ލޭނާރުތަކާއި، ހަށިގަނޑުގެ ލޭ ނާރު ނިޒާމަށް ނުރައްކާތެރި ހަތުރެކެވެ. ނަތީޖާއެއްގެ ގޮތުން ހާޓް-އެޓޭކް، ސޮޓްރޯކް އަދި ލޭމައްޗަށް ދިޔުން ފަދަ ބަލިޖެހުމުގެ ފުރުސަރު މި އާދައިން ބޮޑުކުރުވައެވެ. އެހެންކަމުން އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ދެވިހިފާފައިވާ މި ނުރައްކާތެރި އާދައިން ދުރުވުމަކީ މުހިންމު ކަމެކެވެ. ހަމައެކަނި އެއް އަހަރު ދުވަސް ވާންދެން ސިނގަރޭޓު ބުއިން ހުއްޓާލި ކަމުގައިވަޔަސް އެތައް ގުނައަކުން ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަވާކަމަށް ދިރާސާތަކުން ދައްކައެވެ. ސިނގަރޭޓު ބުއިން ހުއްޓާލުމަކީ ފަސޭހަކަމަކަށް ނުވާނަމަ ޑޮކްޓަރެއްގެ އެހީވެސް ހޯދިދާނެއެވެ. ހަމައެހެންމެ، ސިނގަރޭޓު ބޯހިއްވާ ސަބަބުތައް ދެނަގަނެ، ދުންފަތް އިސްތިއުމާލުކުރުމުގެ ބަދަލުގައި ކުރެވޭނެ (ރަނގަޅު) އެހެން ކަންކަން ދެނަގަނެ، އެކަންކަން ކުރެވޭތޯ ބަލާށެވެ.
🥗 ބެލްންސްޑް ޑައިޓެއް ބައްޓަންކުރުން
ތިބާ ކާކެއުމަކީ ހަމައެކަނި ހަކަތައެއް ނޫނެވެ. އެއީ ހަށިގަނޑަށް ދެވޭ ބޭހެއްވެސް މެއެވެ. އެހެންކަމުން އާންމު ކެއުމުގައި ހިމެނޭ، ސިއްހަތަށް ގެއްލުންހުރި ކާނާ ދެނަގަނެ، އޭގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ކާނާ ތައްޔާރުކުރުމަށް "ހިތުލާށެވެ". އެގޮތުން، ހިތަށް ހަކަތަ ލިއްބައިދިނުމަށް އެހީވާ ގޮދަންގޮވާމުގެ ބާވަތްތަކާއި، ލޭމައްޗަށް ދިޔުން ކުޑަކޮށްދޭ ވިޓަމިނާއި މިނަރަލް، ހައްޓަށް ފޯރުކޮށްދޭ މޭވާ ތަރުކާރީއާއި، އަދި ހިތުގެ މަސްތައް ވަރުގަދަކޮށްދޭ ފަރުމަސް، އަދި ކުކުޅުގެ އިތުރުން ކިރުގެ ބާވަތްތައް ދުވާލާއި ރޭގަނޑުގެ ކެއުމުގައި ހިމަނާށެވެ. އެއްގަމު މަސް، ދަޅުކުރި އަދި ފައިދާއެއް ނެތް ފެޓްގެ ބާވަތްތައް އެކުލެވޭ ކާނާ، އަދި ލޮނާއި ހަކުރު ގިނައިން އެކުލެވޭ ކާނާ ވީހާވެސްބޮޑަކަށް ކެއުމުން އެއްފަރާތްކުރާށެވެ.
🛌 ރަނގަޅަށް ނިދުން
ހަށިގަނޑު ބޭނުންވާ މިންވަރަށް ނިދުމަކީ ހިތުގެ ސިއްހަތަށް ވަރަށް މުހިންމު ކަމެކެވެ. ރަނގަޅަށް ނިދި ނުލިބުމުން ހިތަށް ކުރާ އަސަރު ނުލާހިކު ބޮޑެވެ. ސަބަބަކީ އަހަރެމެންގެ ހަށިގަނޑު ރޭގަނޑުގެ އަރާމު ބޭނުންވާ ފަދައިން، ހިތަށް ވެސް އަރާމު ކޮށްލާނެ ވަގުގުކޮޅެއް ބޭނުންވާތީއެވެ. ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑު 7 ގަޑިއިރަށް ވުރެ މަދުން ނިދާ މީހުން މުޅި ހަށިގަނޑަށް އަސަރުކުރުވާ ސިއްހީ ބަލިތަކުގެ ޝިކާރައަކަށްވެގެން ދެއެވެ. އެގޮތުން ލޭމައްޗަށް ދިޔުން ފަދަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑުވެގެންދެއެވެ. އެހެންކަމުން އެންމެ މަދުވެގެން 7 ނުވަތަ 8 ގަޑިއިރުގެ ނިދި ލިބޭތޯ ބަލާށެވެ. އެކަށޭނަ ވަރަށް ވުރެއް މަދުން ނިދާ މީހުންނާ އަޅާބަލާއިރު ރަނގަޅަށް ނިދާ މީހުން ހިތުގެ ބަލިތަކަށް ހުށައެޅިގެންދާ ނިސްބަތް 20 އިންސައްތަ ކުޑަކަމަށް ދިރާސާތަކުން ދައްކައެވެ.
😌 ހަމަޖެހިލުން ނުވަތަ ސްޓްރެސް ނުވުން
ސްޓްރެސްވުމަކީ ތިބާ ތިހީކުރާވަރަށް ވުރެއް ބޮޑަށް ހަށިގަނޑަށް އަސަރުކުރުވާ ކަމެކެވެ. ސްޓްރެސް އިތުރުވިވަރަކަށް ދުންފަތުގެ އިސްތިއުމާލާއި، މާ ގިނައިން ކެއުމާއި، ކަންނެތްވުމާއި، ލޮޑުވުން ފަދަ، ސިއްހަތު ރަނގަޅު ހިތަކަށް ހުރަސްއަޅާ އެތައް ނުރަނގަޅު އާދަތަކަށް ހުށަހެޅެއެވެ. މިއާއެކު ލޭގެ ޕްރެޝަރ މަތިވެ، ހިތުގެ ވިންދު ޖަހާ ރޭޓު ބެލެންސުން ކެޓުންފަދަ ކަންކަމަށްވެސް ތިމާ ހުށަހެޅިގެންދެއެވެ. ދިރިއުޅުމުގައި އަބަދު ހަމަޖެހި، ހާސްނުވެހުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ދުވަހުގެ ކޮންމެވެސް ވަގުތުކޮޅެއް، ހަމަޖެހިލައި ތިމާ ހިތްހަމަ ޖެހޭފަދަ ކަމެއް ކޮށްލަން ހުސްކޮށްލާށެވެ. ހަމަހިމޭންކަމުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ދިރިއުޅުމުގެ އުދާސްތައް ވަގުތުކޮޅަށްނަމަވެސް ބޮލުން އެއްފަރާތްކޮށްލާށެވެ. ޔޯގާ ނޫނީ ހިނގާލުން ފަދަ ހަށިގަނޑަށް ލުއި ކަސްރަތެއް ކޮށްލަން ވަގުތު ހޯދާށެވެ. އޭރުން ސްޓްރެސް ލެވެލް ދަށްކޮށް ބެހެއްޓުމަށް އެހީއަކަށް ވާނެއެވެ.
އެހެންވީމާ، ދުޅަހެޔޮ ރަނގަޅު ހިތެއް ބޭނުންނަމަ މި އާދަތައް ކަށީގައި ހަރުލެއްވުމަށް މަސައްކަތް ކުރުން މުހިއްމެވެ.