ދުވާއިރު ކަށިމައްޗަށް ތަދު ވޭހެއްޔެވެ؟ ދުވަމުން ގޮސް ވަކި ހިސާބަކުން ކަށިމައްޗަށް ދަތުވާން ފަށައެވެ. ދެން، ކުރިއަށް ނުދެވި މަޑުކޮށްލަން ޖެހެއެވެ. މިއީ، ދުވަންދާ ގިނަ މީހުންނަށް އާއްމު ކޮށް ދިމާވާ އެއް މައްސަލައެކެވެ. މިހެން ގިނަފަހަރު ދިމާވަނީ "ޝީން ސްޕްލިންޓްސް" (shin splints) ގެ ސަބަބުންނެވެ. 

އާއްމުކޮށް ޝީން ސްޕްލިންޓްސް ދިމާވަނީ ގިނަ ވަގުތު ދުވުމުގެ ސަބަބުން ކަށިމަތީގެ ވަށައިގެން ހުންނަ މަސްތައް މާގިނައިން ބޭނުން ކުރެވެމުންނެވެ. ނުވަތަ މާ ހަރު ތަނެއްގެ މަތީގައި ދުވުމުން ވެސް އެހެން ދިމާވެއެވެ. ދުވާއިރު ފައި އެޅޭ ގޮތާއި، ހަށިގަނޑު ބަހައްޓާ ގޮތާއި، ދުވަން ބޭނުން ކުރާ ބޫޓުގެ ސަބަބުން ވެސް އެހެން ދިމާވެއެވެ. ތިމާގެ ހަށިގަނޑު އެފެދިފައިވާ ގޮތުގެ ސަބަބުން، މިސާލަކަށް ފައި ފްލެޓް ކޮށް ހުރުުމުން ވެސް ޝީން ސްޕްލިންޓްސް ދިމާވުމަށް މަގުފަހި ވެއެވެ. 

އަލާމާތްތައް

ޝީން ސްޕްލިންޓްސް ދިމާވުމުން ފައިގެ ކަކުލުން ތިރިއަށް ތަދުވެއެވެ. އަދި ކަށިމަތީގެ މަޑުމަޑު ރިހުމެއް ހުރެއެވެ. ނަމަވެސް، އަރާމު ކޮށްލައި، އިރުކޮޅެއް ފަހުން މިރިހުން ފިލައިގެން ދެއެވެ. 

ސަބަބުތައް

ޝީން ސްޕްލިންޓްސް ދިމާވަން މެދުވެރިވާ ބައިވަރު ސަބަބުތައް ހުރެއެވެ.

  • މާގިނައިން ދުވުން ނުވަތަ ކުއްލިއަކަށް ދުވާ މިންވަރު މަތި ކޮށްލުން. ކުއްލިއަކަށް ދުވާ މިންވަރު މަތި ކުރުމުން ހަށިގަނޑަށް އެދެވެނީ ކުއްލި ޝޮކެއެކެވެ.
  • ހަރުތަނެއްގައި މަތީގައި ދުވުން މިސާލަކަށް، ގައި ނުވަތަ ތާރު މަތީގައި ދުވުން.ފައިގެ ބަށްޓަމާއި ނުގުޅޭ ބޫޓުކަށް އަރައިގެން ދުވުން. މިހެން ވުމުގެ ސަބަބުން ފަޔަށް ކުރާ ބާރު ބޮޑުވެއެވެ.
  • ފައިގެ މަސްތަކުގެ ވަރު ދެރަވުން ނުވަތަ މަސްލް އިމްބްލެންސް ވުން (އެއީ، އެއް މަސްތައް އަނެއް މަސްތަކަށް ވަރު ދެރަވުން)
  • ދުވާއިރު ފައި އަޅާ ގޮތާއި ހަށިގަނޑު ބަހައްޓާ ގޮތުގެ ސަބަބުން. މިސާލަކަށް، ފައި އަޅާ އިރު ތެދު ކޮށް (ނިއުޓްރަލް ކޮށް) ނުބަހައްޓާނަމަ އިންޖަރީ ވުމުގެ ފުރަސަތު ބޮޑުވެއެވެ. 

ހައްލު

މީގެ އިތުރުން، ޝީން ސްޕްލިންޓްސް ދިމާވުމުން ކުރުން އެންމެ މުހިއްމު އެއްކަމަކީ ރަނގަޅަށް އާރާމު ކުރުމާއި ނިދުމެވެ. މީގެ އިތުރުން، މިކަން ހައްލު ކުރެވޭނީ މިހެން ދިމާވާ ސަބަބުތައް ދެނެގަނެ އެކަން ކަމުން ދުރުވެގެންނެވެ. އެގޮތުން:

  • ދުވުމުގެ ކުރިން ރަނގަޅަށް ވާމް އަޕް ކުރުން. ދުވުމުގެ ކުރިން ވާމްއަޕް ކުރުމާއި ސްޓްރެޗް ކުރުމަކީ އިންޖަރީ ތަކުން ދުރު ކޮށްދޭ ކަމެކެވެ.
  • ކުއްލިއަކަށް ދުވާ މިންވަރު އިތުރު ކޮށްލުމުގެ ބަދަލުގައި މަޑު މަޑުން، ހަށިގަނޑަށް ބަލައިގެން، އެ މިންވަރު މަތި ކުރަމުން ދިޔުން.
  • ހަރުތަންތަނުގައި ނުދުވުން. ބަދަލުގައި، ދުވަން ހާއްސަކޮށްފައި ހުންނަ ޓްރެކް ފަދަ ތަންތަނުގައި ދުވުން.
  • ފައިގެ ބަށްޓަމާއި ގުޅޭ ބޫޓަކަށް އަރައިގެން ދުވުން. ހާއްސަކޮށް ފައި ބިމުގައި ޖެހޭއިރު ކުރާ ޕްރެޝަރު ކުޑަވާނެ ގޮތަށް، ބޫޓުގެ ދަށް ރަނގަޅަށް ޕްރޮޓެކްޓް ވެފައި ހުންނަ ކަހަލަ ބޫޓަކަށް އެރުން.
  • ފައިގެ މަސްތައް ވަރުގަދަ ކުރުމަށް ސްޓްރެންތު ޓްރެއިނިން ގަވާއިދުން ހެދުން. މިސާލަކަށް، ސްކޮޓްސް، ލަންޖެސް ފަދަ ލޯވާ ބޮޑީ ކަސްރަތުތައް، ޖިމަށް ނުގޮސް ވެސް ކުރެވިދާނެއެވެ. ނަމަވެސް، ޖިމަށް ގޮސް ބަރު ބޭނުން ކޮށްގެން ކަސްެރަތު ކުރުމުން ކުރާ ފައިދާ ބޮޑު ވާނެއެވެ.

ޝީން ސްޕްލިންޓްސް އަކީ އާއްމު ގޮތެއްގައި ހަފުތާއެއް ނުވަތަ ދެ ހަފްތާއެއްހާ ދުވަސް ތެރޭ ރަނގަޅުވާ ތަދެކެވެ. މިއަށް ވުރެ ގިނަ ދުވަހު މިތަދު ހުންނަނަމަ، ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ވަރަށް މުހިއްމެވެ.