ހަށިހެޔޮ، ދުޅަހެޔޮ އިންސާނަކަށް ވުމަށް، ކެއުން ރަނގަޅަށް ބައްޓަންކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. ހަށިގަނޑު ރަނގަޅަށް ހެދިބޮޑުވެ، ބަރާބަރަށް މަސައްކަތް ކުރެވެން އަންނަނީ ކާބޯތަކެތިން ލިބޭ "ނިއުޓްރިއެންޓްސް" ތައް ބޭނުންވާ މިންވަރަށް ލިބިގެންނެވެ. މިއިން އެންމެ ފާހަގަކޮށްލެވޭ އެއް ޑައިޓްރީ މާއްދާއަކީ މެކްރޯ ނިއުޓްރިއަންސް އެވެ.
"މެކްރޯނިއުޓްރިއަންޓްސް" ނުވަތަ ކުރުކޮށް ބުނާނަމަ "މެކްރޯސް" އަކީ ހަށިގަނޑު ހެޔޮގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ނިއުޓްރިއަންޓްސްތަކެވެ. ނަމުގައި "މެކްރޯ" ހިމެނެނީ މިފަދަ ނިއުޓްރިއަންޓްތައް އެހެން ބާވަތްތަކުގެ ނިއުޓްރިއަންޓްސްއަށް ވުރެ ނިސްބަތުން ގިނައިން ހަށިގަނޑަށް މި ނިއުޓްރިއަންޓުގެ ބޭނުން ޖެހޭތީއެވެ.
މެކްރޯ ނިއުޓްރިއަންޓްސް މުހިއްމުވަނީ އެއީ ހަށިގަނޑު ހެލިފެލިވެ އުޅެން ބޭނުންވާ ހަކަތަ ލިއްބައިދެނީ މި ބާވަތްތަކުން ކަމަށް ވާތީއެވެ. އަދި މިއާއެކު ދެމެހެހެއްޓެނިވި ގޮތެއްގައި އެތެރެ ހަށީގެ ގުނަވަންތަކުން ކޮށްދޭ މުހިއްމު މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ "ޕެޓްރޯލް" އަކީ ވެސް މި ނިއުޓްރިއަންޓް ތަކެވެ.
މެކްރޯނިއުޓްރިއަންޓްސް ގެ މައިގަނޑު 3 ބާވަތެއް ހިމެނެއެވެ. އެއީ ކާބޯހައިޓްރޭޓްސް، ޕްރޯޓީން އަދި ފެޓްސް (ސަރުބީ) އެވެ. މިއީ ކޮންމެހެން ބޭނުންވާ ނިއުޓްރިއަންޓްސްގެ ތެރޭގައި ހިމެނޭ ތިން ބާވަތެވެ. ސަބަބަކީ ހަށިގަނޑަށް އޭގެ ޒާތުގައި މި މާއްދާތައް ނުއުފެއްދޭތީ ނުވަތަ ބޭނުންވާ ވަރަށް ނުއުފެއްދޭތީއެވެ.
މެކްރޯނިއުޓްރިއަންޓްސްގައި ހުންނަ ހަކަތަ ރައްކާކުރެވިފައިވަނީ ކެލޮރީސްގެ ގޮތުގައެވެ. ކާބޯހައިޓްރޭޓްސްއަކީ ހަކަތަ ލިއްބައިދޭ މައިގަނޑު މެކްރޯނިއުޓްރިއަންޓް ކަމުގައި ވިނަމަވެސް، ޕްރޮޓީންސް އަދި ފެޓްސް އިންވެސް ހަށިގަނޑަށް ހަކަތަ ހޯދިދާނެއެވެ. ކާބޯހައިޓްރޭޓްސް ގެ ގްރާމަކުން 4 ކެލޮރީ ލިއްބައިދޭ އިރު، ޕްރޮޓީންސްގެ ގްރާމަކުން ވެސް ހަމަ 4 ކެލޮރީ ލިއްބައިދެއެވެ. އަދި އެއް ގުރާމް ފެޓްސް އިން 9 ކެލޮރީ ހައްޓަށް ލިއްބައިދެއެވެ.
🍜 ކާބޯހައިޑްރޭޓްސް
ކާބޯހައިޑްރޭޓްސްއިން ހަށިގަނޑަށް ބޭނުންވާ ގުލްކޯޒް ނުވަތަ ހަކުރު ލިއްބައިދެއެވެ.
ކާބޯހައިޑްރޭޓްސްއިން ހަށިގަނޑަށް ބޭނުންވާ ހަކަތަ ވަގުތުން ވަގުތަށް ލިއްބައިދެއެވެ. ހަމައެހެންމެ އިތުރުވާ ހަކަތަ ހަށިގަނޑުގެ މަސްތަކާއި ލިވަރގައި ރައްކާކުރެވެނީ ކާބޯހައިޑްރޭޓްސްގެ ގޮތުގައެވެ. ހަށިގަނޑުގެ ހަޖަމީ ނިޒާމު ރަނގަޅަށް މަސައްކަތްކޮށްދިނުމާއެކު، ބަނޑުފުރިފައި ހުރިކަމުގެ އިހުސާސް ކޮށްދިނުމަށް ކާބޯހައިޑްރޭޓްސް އެހީތެރިވެ ދެއެވެ.
ކާބޯހައިޓްރޭޓްސް ގިނައިން އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި މޭވާ ތަރުކާރީ، ގޮވާމުގެ ބާވަތްތައް، އަދި ބީންސް ހިމެނެއެވެ.
🍗 ޕޮރޯޓީންސް
ޕޮރޯޓީންސްއިން ހަށިގަނޑަށް މުހިއްމު މާއްދާއެއް ކަމަށްވާ އެމިނޯ އެސިޑްސް ލިއްބައިދެއެވެ.
ހަށިގަނޑުގެ ގުދުރަތީ ނިޒާމްތައް ކޮންޓްރޯލްކޮށްދީ، ދެމެހެއްޓުމަށް ބޭނުންވާ އެންޒައިމްތަކާއި ހޯމޯންތައް އުފެދެނީ ޕޮރޯޓީންސް އުންނެވެ. މިއާއެކު ހަށިގަނޑުގެ އެކި ގުނަވަންތަކުން ފެށިގެން އިނގިލީގައިވާ ނިޔަފަތިތަކާއި ބޮލުގެ އިސްތަށިތައް، އަދި މިނޫންވެސް ހަށިގަނޑުގެ އެތައް ބައެއް އުފައްދައިދިނުމުގައި ޕްރޮޓީންގެ ދައުރު ބޮޑެވެ. ލޭގެ ކެމިކަލް މިންވަރު ހަމައަކަށް އަޅުވައިދިނުމަށްވެސް ޕޮރޯޓީންސް މުހިއްމެވެ.
ޕްރޯޓީންސް ގިނައިން އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކަނޑުމަސް، ބިސް، އެއްގަމުމަސް، ސީފުޑް އަދި އޮށްބަދަން ހިމެނެއެވެ.
🧈 ފެޓްސް (ސަރުބީ)
ފެޓްސްއިން ހަށިގަނޑު ރަނގަޅަށް މަސައްކަތްކުރުމަށް ބޭނުންވާ ފެޓީ އެސިޑްސް އަދި ގްލިސެރޮލް ލިއްބައިދެއެވެ.
ހަށިގަނޑުގެ ހޫނު ފިނިމިން ދަމަހައްޓައިދީ، ގައިގެ ގުނަވަންތައް ރައްކާތެރިކޮށް ދިނުމަށް ފެޓްސް މުހިއްމެވެ. ކާބޯހައިޑްރޭސްއެކޭ އެއްފަދައިން، ހަށިގަނޑުގައި އިތުރުވާ ކެލޮރީސް އަދި ހަކަތަ ފަހަށް ރައްކާކޮށްދިނުމުގެ ޒިންމާ ފެޓްސް އަދާކުރެއެވެ. މީގެ އިތުރުން ސެލްތަކުގެ މުހިއްމު ބައިތައް އުފައްދަން ފެޓްސް ބޭނުންވެއެވެ. މާ ގިނައިން ބޭނުންކުރުން އެދެވިގެން ނުވާ ކެއުމުގެ ބާވަތެއްގެ ގޮތުގައި ފެޓްސްގެ ނަން މަޝްހޫރުވިޔަސް، މިއީ ހަށިގަނޑަށް އެހާމެ މުހިއްމު މެކްރޯނިއުޓްރިއަންޓް އެކެވެ.
ފެޓްސް ގިނައިން އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކާށި، އެވޮކާޑޯ، ބަޓަރު، ތެޔޮ އަދި ކިރުގެ ބާވަތްތައް ހިމެނެއެވެ.
ވީމާ، މެކްރޯނިއުޓްރިއަންޓްސް ހިމެނޭ ބާވަތްތައް ދުވާލާއި ރޭދަނޑުގެ ނާސްތާގައި ހިމެނުމަކީ ކުރުން މުހިއްމު ކަމެކެވެ. ހާއްސަކޮށް ހަށިގަނޑަށް ބޭނުންވާ މިންވަރަށް މި ތަކެތި ކެއުމަކީ ބަރުދަން ލުއިކުރުމާއި، ގައިގެ މަސްތައް ވަރުގަދަކުރުމަށް ގެންގުޅެން ބުއްދިވެރި އުކުޅެކެވެ.