ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޖިމަށް ދާން ތި ނިންމި ނިންމުމަކީ ވަރަށް ވެސް ރަނގަޅު ނިންމުކެވެ. ކަސްރަތު ކުރުމަކީ ސިއްހަތާއި ދުޅަހެޔޮކަމަށް މުހިއްމު ކަމަކެވެ. ހަށިގަނޑުގެ މަސްތަކާއި ކަށިތަށް ވަރުގަދަ ކޮށްދޭނެ ކަމަކެވެ.
ނަމަވެސް ޖިމަށް ދާއިރު، ޖިމަށް ދިޔުމުގެ ކުރިންނާއި، ޖިމް ތެރޭގައި ހިފަހަށްޓަންޖެހޭ އަދަބުތަކެއް ހުރެއެވެ. އަދި ސަމާލުވާންޖެހޭ ކަންތައްތަކެއް ވެއެވެ. ޖިމަށްދާ ބައެއް މީހުން މިކަހަލަ ބައެއް އަދަބުތަކަށް ފަރުވާކުޑަ ކުރާތަން ފެނެއެވެ. އެހެންވުމުގެ ސަބަބުން ޖިމަށްދާ އެހެން މީހުންނަށް އުނދަގޫތަކާ ކުރިމަތިވެއެވެ.
ވީމާ، ޖިމަށް ދިޔުމުގެ ކުރިން މި ކަންކަމަށް ސަމާލުކަން ދޭށެވެ.
✔️ ކަސްރަތު ކުރުމަށް އެކަށޭނެ ހެދުމެއް އެޅުން
ޖިމަށް ދާއިރު ކަސްރަތުކުރަން އެކަށޭނަ ހެދުމެއް ލާންވާނެއެވެ. މިސާލަކަށް، ޓީޝާޓް އަދި ޓްރެކްޝޫޓް ފަދަ ހެދުމެއް ރަނގަޅުވާނެއެވެ. އިންޑޯރ ޖިމަކަށް ދާނަމަ އިންޑޯރ ބޫޓެއް ހިފައިގެން ދިޔުން މުހިއްމެއެވެ. އެގޮތުން ޓެނިސް ބޫޓެއް، ނުވަތަ ކުޅިވަރަށް ހާއްސަ ބޫޓެއް ގެންދެވިދާނެއެވެ. ކަސްރަތު ކުރާއިރު ގައިން އޮހެރޭ ދައު ފޮހެލުމަށްޓަކައި ކުޑަ ތުވާތްޔެއް ގެނައުންވެސް މުހިއްމެވެ.
ހެދުން އެޅުމަށް އެކި ޖިމްތަކުގައި ތަފާތު އުސޫލުތައް ހަދާފައި ހުރެއެވެ. އެ ގަވާއިދުތަކާ އެއްގޮތަށް ހެދުން އެޅުން މުހިއްމެވެ.
✔️ މެޝިން ނުވަތަ ބެންޗު ފޮހެލުން
ގިނަ ޖިމްތަކުގައި މިހާރު ސެނެޓައިޒާ ފުޅިއާއި ކްލީނިން ޓަވެލް ބަހައްޓާފައި ހުރެއެވެ. ކަސްރަތުކޮށް ނިމުމުން މެޝިން ނުވަތަ ބެންޗު ސެނެޓައިޒްކޮށް ފޮހެލަން ވާނެއެވެ. މީގެ ސަބަބުން ބަލި ފަތުރާ ޖަރާސީމު ފަދަ ތަކެތި މަރާލެވެއެވެ.
✔️ ބަރުތައް (ޑަމްބެލް، ބާބެލް) ހަރަށް ލުން
މިއީ ވަރަށް ގިނަ މީހުން ފަރުވާކުޑަ ކުރާކަމެކެވެ. ކަސްރަތުކޮށް ނިމުމުން ބޭނުންކުރި ބަރުތައް އަލުން އަނބުރާ ރެކަށް ލާންވާނެއެވެ. މެޝިނަކަށް ބަރު އަޅުވައިގެން ކަސްރަތު ކުރިކަމުގައިވިޔަސް، ކަސްރަތުކޮށް ނިމުމުން އެ ބަރުތަށް އަލުން އަނބުރާ ރެކަށް ލާންވާނެއެވެ. މެޝިން ބޭނުން ކުރަން ދެން އަންނަ މީހާގެ ބުރައަކަށް އެކަން ނަހަދަމާތޯއެވެ!
✔️ ބޭނުން ނުކުރާ ބެންޗުތަކުގައި ތުވާލި، ފެންފުޅި ނުވަތަ ފޯނު ނުބެހެއްޓުން
މިއީވެސް ވަރަށް ގިނައިން ފެންނަ ނޭދެވޭ މަންޒަރެކެވެ. ބެންޗު ބޭނުކޮށް ނިމުމުންވެސް ތުވާލި ނުވަތަ ފެންފުޅި ބަހަށްޓާފައި އެހެން ބެންޗަކަށް ނުވަތަ މެޝިނަކަށް ދާތަން ފެނެއެވެ. އަދި، ބައެއް ފަހަރު ބެންޗު ބޭނުން ނުކުރި ކަމުގައިވިޔަސް ތުވާލިފަދަ ތަކެތި ބަހައްޓާފައި ހުރެއެވެ. މިހެން ހެދުމުން އެ ބެންޗު ދެން ބޭނުން ކުރަން ބޭނުންވާ މީހުންނަށް އުނދަގޫވެއެވެ. އެހެންކަމުން ބެންޗެއް ނުވަތަ މެޝިނެއް ބޭނުން ނުކުރާނަމަ އޭގެ މަތީ ތުވާލި، ފެންފުޅި، ނުވަތަ ފޯނު ފަދަ ތަކެތި ނުބަހައްޓާށެވެ.
✔️ ބައިވަރު މެޝިން ނުވަތަ ބެންޗް އެއްފަހަރާ ނުހިފުން
ތިން ހަތަރު ބެންޗެއް ނުވަތަ މެޝިނެއްގެ މަތީ ތުވާލި އަޅައި، އެއްފަހަރާ އެ ހުރިހާ އެއްޗެއް ހިފައިގެން އުޅޭތަންވެސް ފެނެއެވެ. ކުރަން އުޅޭ ކަސްރަތުގެ ބާވަތުން މިއީ މުހިއްމު ކަމަކަށް ވެދާނެއެވެ. މިސާލަކަށް، ސުޕާރސެޓެއް ހަދާނަމަ ނޫނީ ސާކިޓެއް ހަަދަން އުޅޭނަމަ، އެގޮތަށް ގިނަ މެޝިން އެއްފަހަރާ ބޭނުން ކުރަން ޖެހިދާނެއެވެ. ޖިމްގައި އެވަގުތު ތިބި މީހުންނަށް ބަލައި މެޝިނާއި ބެންޗު ހުރިނަމަ މިއީ މައްސަލައެއް ނޫނެވެ. ނަމަވެސް ޕީކް ގަޑީގައި، އަދި އެކަށޭނަ ވަރަށް މެޝިނާއި ބެންޗު އެވަގުތު ނެތްނަމަ އެއްފަހަރާ ހިފައިގެން އުޅުން އެއީ ރަނގަޅު ގޮތެއް ނޫނެވެ.
✔️ ރެކް ކުރިމަތީ ހުރެ ކަސްރަތު ނުކުރުން
ބަރު ބަހަށްޓާފައި ހުންނަ ރެކް ކުރިމަތީ ހުރެ ބައެއް މީހުން ކަސްރަތު ކުރަން ފަށައެވެ. އެހެން ހެދުމުގެ ސަބަބުން ބަރު ނަގަން ދެން އެ ރެކް ކައިރިއަށް އަންނަ މީހުންނަށް އުނދަގޫވެއެވެ. އެހެންކަމުން، ބޭނުންވާ ބަރުދަނުގެ ބަރެއް ރެކުން ނެގުމަށް ފަހު، ދުރަށް ޖެހިލައި އެހެން މީހުންނަށް އުނދަގޫ ނުވާނޭ ގޮތަށް ކަސްރަތު ކުރުން މުހިއްމެވެ.
✔️ ޖިމްގެ ގަވާއިދު ތަކަށް ހުރުމަތް ތެރިކޮށް ހިތުން
އެކި ޖިމްތަކުގައި ހެދިފައި ހުންނަ ގަވާއިދުތަކާއި އުސޫލުތައް ތަފާތު ވެދާނެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހަކު އެދާ ޖިމެއްގެ ގަވާއިދުތަކާއި އުސޫލުތަށް ބެލުމަށްފަހު އެއަށް އަމަލުކުރުން މުހިއްމެވެ.
މިއީ އާއްމު ގޮތެއްގައި ޖިމެއްގެ ތެރޭގައި ހިފަހަށްޓަން ޖެހޭނެ އަދަބުތަކެވެ. ޖިމެއްގެ ތޭރެގައި އުޅޭ އިރު ސަމާލުކަން ދޭންޖޭހެނެ ކަންތައްތަކެއެވެ. އެހެންކަމުން، ޖިމަށް ދާއިރު މި އުސޫލުތަކާއި އަދަބުތަކަށް ސަމާލުކަން ދޭށެވެ.